ދިނުމަކުން ގެއްލުމެއް އެބައޮތްތޯ؟

begger
މާލޭގެ ހަލަބޮލި މާހައުލުގައި ރާއްޖޭގެ ކަންކޮޅުތަކުން މީހުން އައިސް ފުރިބާރުވެ މިއުޅެނީ ހިތްފަސޭހަ ވެގެންނެއް ނޫނެވެ. އުޅެން އަރާމު ވެގެނެއް ނޫނެވެ. ތައުލީމު އުނގެނުމާއި ވާޒީފާ އަދާކުރުމާއި އެހެނިހެން ޒަރޫރީ ބެނުންތަކުގައެވެ. ދިރިއުޅުމުގެ ކޮންމެ ސިކުންތު ކޮޅެއްވެސް ވަނީ ފައިސާ އާ ގުޅި ލާމެހިފައެވެ. އެއާ ނުލާ މިޒަމާނުގައި ގިރުވާނެއް ރަނގަޅު ކޮށްލުމަކީވެސް ނުވާނެކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މާލޭގެ މި މާހައުލުގެ ދަތި އުނދަގޫ ދިރިއުޅުމުގެ ވާހަކަ އިތުރަށް ދައްކާކަށް ނެތީމެވެ. އަަދި ލިބޭ ފައިސާއިން ގިނަބަޔަކަށް ދެކޮޅު ޖައްސަން އުނދަގޫ ވާހަކަވެސް ދައްކާކަށް ނެތީމެވެ. ނަމަވެސް ދިރިއުޅުމުގެ ހުރިހާ ކަމަކާއި ގުޅިފައިވަނީ ފައިސާއާއި ކަމަށްވާތީ ވިސްނާލުން މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. ބޭކާރު ޚަރަދު ކުރުމުން ދުރުވާން ޖެހެއެވެ. ތިމާ ކުރަން ބޭނުންވާ ކަންތައްތަކުގެ ތެރެއިން މުހިންމު ކަންކަމަށް އިސްކަންދިނުމަކީ ކުރުން ރަނގަޅު ކަމެކެވެ. އަދި ކުރެވޭ ޚަރަދަކީ ބޭކާރު ހަރަދެއްތޯ ނުވަތަ ނޫންތޯ ދެނެގަނެވެން ޖެހެއެވެ.

މާލޭގެ މަގުތަކުން މިހާރަކަށްއައިސް ތަފާތު ސްޓައިލްތަކުގެ ސަލާންޖަހާމީހުން ދަނީ ފެންނަމުންނެވެ. ކޮންމެ މީހެއްވެސް މޮޅު ސްޓޯރީއެއް ހަދާލައިގެން އުޅެނީ ލާރިކޮޅެއް ހޯދާލާށެވެ. އެފަދަ މީހުންގެ ވާހަކަތައް ހުންނަނީ ވަރަށްވެސް އަސްލާއެއްގޮތަށް އަދި އެހެންމީހުންގެ ހިތުގައި ހަމްދަރީ އުފެދޭނެފަދަ ގޮތަކަށެވެ. އެވާކަހަކަތަކުގެ މަޅީގައިޖެހި އަތުން ކޮންމެވެސް އެއްޗެއް ދެވޭތަން އެބައާދެއެވެ. މިއީ މިއަދު ވިސްނާލަން ޖެހިފައިވާ ކަމެކެވެ. އަޅުގަނޑުމެން ދިވެހިންނަކީ އެކަކު އަނެއްކަށް އެހީވުމުގެ ރަނގަޅު އާދަ ހުރި ބަޔަކީމުއެވެ. އަނެކާއަށް އެހީއެއް ދޭން ބޭނުންވާ މީހަކަށް އެކަމުގައި އެއްވެސް ހުރަހެއް ނެތެވެ. އެކަމަށް އެންމެންވެސް ތާއީދު ކުރާނެއެވެ. ހަޤީގަތުގައިވެސް ހާލުގައި ޖެހިގެން ސަލާންޖަހާ މީހުން ނޫޅެއެކޭ ބުނާކަށް ނެތީމެވެ. އަހަރުމެން އިންސާނުންނަކީ އެކަކު އަނެއްކަށް ބޭނުންޖެހިފައިވާ ބަޔަކަށް ވީތީއެވެ. ނަމަވެސް، ސަލާން ޖަހަން ނުކުމެ އުޅުނު މަކަރުވެރި އަންހެނެއްގެ ހަޤީގަތް ހޯދަން ދިހަ ވަރަކަ ދުވަހުން ކުރި މަސައްކަތް ހިއްސާ ކޮށްލާނަމެވެ.

މީގެ 1 އަހަރާ 9 މަސްކުރިން އަޙްމަދިއްޔާ ސްކޫލް ކައިރިން ދިމާވި އަންހެނެކެވެ. ބަލާލާބެލުމަށް އުމުރުން 35 އަހަރު ވެދާނެކަމަށް ލަފާކުރެވެއެވެ. ބޭސް ސިޓީއެއް ދައްކާލުމަށްފަހު ވަރަށް ހިތާމަވެރި ރާގެއްގައި އެހީއެއް ވެދިނުމަށް އެދުނެވެ. އެއީ ހަޤީގަތުގައިވެސް އެހީއެއް ބޭނުންވެފަ ހުރިމީހެއްކަމަށް ޔަޤީނާގާތަށް ހީކުރެވުނެވެ. އޭނާގެ ލޮލުން ފެންކަޅިވެފައި ހުރިތަން ދުށީމެވެ. ނަމަވެސް ހިލޭ ބޭސްފަރުވާ ކުރެވޭގޮތް ހަމަޖެހިފައި އޮންނާތީ އެކަމަށް އެހާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އެމީހާއަށް ލާރި ނުދީ ދިއުމުން ސައިކަލުގެ ފަހަތުސީޓުގައި އިން އަންހެންކުއްޖާ އެރޭ ވަރަށް ދެރަވެގެން އެވާހަކަ ދެއްކިއެވެ. އެހެންވެ އަޅުގަނޑު އަތުގައި ލާރިހުރެ، އެ އަންހެނާއަށް ލާރި ނުދިން ސަބަބު ކިޔާދިނީމެވެ.

އޭގެ ފަހުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ސަލާންޖަހާ މިހާ ދިމާވީ އޭޑިކޭ ހޮސްޕިޓަލްގެ ގޯތިތެރެއިންނެވެ. ފެނުމާއެކު ކުރިން ދިމާވި މީހާކަން އެނގުނެވެ. އެނާގެ ހަރަކާތްތަކަށް ކުޑަކޮށް ބަލާލީމެވެ. އެދުވަހުވެސް ހުރީ ބޭސްސިޓީއެއް ކަހަަލަ އެއްޗެއް އަތަށް ލައިގެނެވެ. ދެތިން މީހަކަށް އަތުގައި އޮތް ގަނޑުކޮޅު ދެއްކުމަށްފަހު ވާހަކަތަކެއް ދެއްކިއެވެ. އެއްވެސް މީހަކު މާބޮޑު ސަމާލުކަމެއް އޭނާއަކަށް ނުދިނެވެ. ކޮންމެ މީހަކުވެސް މިއުޅެނީ އަމިއްލަ ހާލައިގެން ވިއްޔާއެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ގާތް ރަޙްމަތްތެރިއަކާ އެކީ ބޭންކްއޮފް މޯލްޑިވްސް މަޖީދީ މަގު ބްރާންޗް ގެ އޭޓީއެމް އަށްވަނީމެވެ. އެތަނުން އެއްކަލަ ސަލާންޖަހާ މީހާއާއި ދިމާވިއެވެ. އަހަރެން އޭނާގެ ވާހަކަތައް އަޑުއެހީމެވެ. ފިރިމީހާގެ ބަލި ހާލަތާއި އޭނާ ދިރިއުޅޭ ނިކަމެތި ހާލު ހިނދުކޮޅެއްތެރޭގައި ކިޔާދިނެވެ.

ފިރިމީހާ ޑައިލިސިސް ހައްދަން ދާނެ ޚަރަދުގައި ހިފުމަށް އަހަރެން އެއްބަސްވީމެވެ. އެކީގައި ހުރި ގާތް ރަޙްމަތްތެރިޔާވެސް ހުރީ ޚރަދުގައި ހިފަން ތައްޔާރަށެވެ. އެކަމަކު އެއްބަސްވީ ފައިސާ އޭނާއަށް ދޭގޮަތަކަށް ނޫނެވެ. ހޮސްޕިޓަލަށް ގޮސް ޚަރަދުތަކަށްވާ ފައިސާ ދައްކާދޭ ގޮތަށެވެ. އެގޮތަށް އެއްބަސްނުވެ “ތިއުޅެނީ ލާރި ނުދޭންވެގެނޭ ، ނިކަމެތިންނަށް ދެރަގޮަތް ހަދަނީ” ކަމަށްބުނެ ނުރުހުމުގެ ބަސްތަކެއް ގޮވުމަށްފަހު އެތަނުން ނުކުމެގެން ހިނގައްޖެއެވެ. އެެއީ އަހަރުމެން އޭނާއަށް ފާރަލާން މަޖުބޫރުކުރުވި ރެއެވެ. އޭގެ ފަހުން ކޮންމެ ރެއަކު އޭނާ ފެނޭތޯ އަހަރުމެން އެސަރަޙައްދު ބަލަމުން ދިޔައީމެވެ. މިކަމުގައި އަހަރެންގެ ރަޙްމަތްތެރިޔާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބުނެވެ. އޭގެ 8 ދުވަސްފަހުން އެއްކަލަ ސަލާންޖަހާ މިހާއާއި ދިމާވީ ކުރިންވެސް ދިމާވި ސަރައްދު، މަޖީދީމަގު ބޭންކް އޮފް މޯލްޑިވްސް ކުރިމަތިންނެވެ. އަހަރުމެން ފެނުމާއެކު އޭނާއާށް އަހަރުމެން އެނގިއްޖެއެވެ. ފިލަންވެގެން ބާރު ސްޕީޑެއްގައި ހިނގައިގަތެވެ. ދެމީހުންވެގެން އޭނާއަށް ފާރަލަމުން ދިޔައީ މަގުގެ ދެކޮޅުންނެވެ. ފޯނުގެ ޒަރީއާއިން ގުުޅިފައިވުމުން ދެމީހުނަށް އޭނާގެ ހަރަކާތްތައް ބަރާބަރަށް އެންގެމުން ދިޔައެވެ. އޭނާ ހިތުން އޭޑީކޭ ހޮސްޕިޓަލް ތެރެޔަށްވަދެ އަހަރުމެނަށް ފިލީއެވެ. އެއަށަފަހު ނުކުމެ ހެންވޭރުގެ މަގުތަކުން އެގޮތްމިގޮތަށް ހިނގަމުން ދިޔައެވެ. ގަލޮޅު މާލެހިޔާ 2 އާއި ހިސާބުން އޭނާ ފިރެހެނަކާ ބައްދަލުކުރިއެވެ. އެޔަށްފަހު އަމީނީމަގުން ހުޅަގަށް ހިނގައިގަތެވެ. އަހަރެންގެ ރަޙްމަތްތެރިޔާ އެ ފިރެހެނާއާއި ބައްދަލުކޮށް މަޢުލޫމާތު ހޯދިއެވެ. ހޯދި މަަޢުލޫމާތުން އޭނާދިޔައީ ހަށިވިއްކަންކަން ކިތަންމެހާވެސް ރަނގަޅަކަށް އެނގުނެވެ. އޭރުވެސް އަހަރުމެން ތިބީ އެކަކު އަނެއްކަކަށް ވާނުވާ އެނގޭގޮަތަށް ފޯނުން ގުޅައިގެނެވެ. ސަލާންޖަހާ މިހާ އަމީނީމަގުން ގޮސް ބާރގަރ ޕޮއިންޓް ކުރިމަތީގައި މަޑުކުރިއެވެ. އެތަނުންވެސް އެެއްޗެއް ލިބޭތޯ މީހުންކައިރީގައި ވާހަކަ ދައްކަމުން ދިޔައެވެ. ރައްޓެއްސެއް ފޮނުވަައިގެން އޭނާގެ ބަސްމަގު ހުރިގޮަތް ބަލާލީމެވެ. އެރޭގެ ސްޓޯރީގައި އޭނާއަކީ ބަލިދަރިއެއްގެ މަންމަ އެކެވެ. އެފަދަ މަކަރުވެރި މީހަކަށް ލާރިދޭތަން ދެކެން އަހަރުމެން ބޭނުމެއްނޫނެވެ. އޭގެ އިރުކޮޅެއްފަހުން ރަށުމީހަކު އެއަންހެނާގެ މޮޅުވާހަކައިގައި ޖެހި ލާރި ކޮޅެއް ދޭތަން ދުށީީމެވެ. އެވަގުތު ހަޤީގަތް ހާމަކޮށްފިނަމަ އޭނާއަށް އަހަރުމެން އެނގި އެރޭގެ ޕްލޭން ބަދަލު ކޮށްލަފާނެތީ އެކަމެއް ނުކުރަމެވެ. ވިއްސަކަ މިނެޓް ފަހުން ފެންބިލްޑިންގް ގެ ގާޑަށް ވަގަށް އެތަނުގައި ޖަހާފައިހުރި މާގަސްތަކެއް ބިންދާލައިގެން ބާރު ހިނގުމެއްގައި ސަހަރާކައިރިން އިރަށް ހިނގަމުން ދާތަން ފެނިއްޖެއެވެ. ދިޔަ މަގުމަތީގައި ދިޔައީ ޤައުމީ ޔުނިވާސިޓީގެ ގާޑަށް ނޭންގި އެތާހުރި ގަހަކުން ގޮފިި ބިންދަައި އެތަކެތި ހިފައިގެންނެވެ. ބަލާބެލުމަށް މިމީހާއަކީ ގަސްއިންދާ މިީހެއްކަމަށް މިހުންނަށް ހީނުވާނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ ކުރިޔަށް ގެންދަމާ ހިނގާށެވެ. ގަލޮޅު ޕޮލިސް ސްޓޭޝަނާއި ހަމައިން އިމާރާތްތަކުގެ ތެރެޔަށް ވަދެ ޅަވަރެއްގެ ސޮރަކާ ބައްދަލުކުރިއެވެ. އޭރު އަހަރެންގެ ރަޙްމެތެރިޔާ އެހުރީ އިމާރާތުގެ އެންމެ މަތީގައެވެ. އެސޮރު ސަލާންޖަހާ މީހާއާއި ދެއްކި ވާހަކައެއް ދެއްކުމަށްފަހު އިމާރާތަށް އަރާފައި ފޭބީ ފިސާރި އަވަހަށެވެ. ނުގަޮތަކަށް ދިމަދިމާލަށް ބަލާލުމަށްފަހު ކޮންމެސް އެއްޗެއް ވަގު ގޮތަކަށް ދިންތަން ފެނުނެވެ. އެހާހިސާބުން ސަލާންޖަހާމީހާ ގެ މިސްރާބު އެހުރީ އޭނާގެ ގެޔާދިމާ އަށެވެ. ހެންވޭރުގަ ހުރި އޭނާގެ ގެޔާހަމަޔަށް ދެވުނުތާ މާގިނައިރެއްނުވެ ޕޮލިސްކާރެއް އައިސް އޭނާ ގެންދިޔައެވެ. ލިބުނު މަޢުލޫމާތު ތަކުން އޭނާއަކީ މަސްތުވާ ތަކެތި ބޭނުންކުރާ މީހެއްކަމާއި މަކަރުހަދާ އޮޅުވާލައިގެން ފައިސާ ހޯދާމީހެއްކަމާއި އަދި ހަށިވިއްކުމުގެ އަމަލު ހިންގާ މީހެއްކަން ޔަޤީންވިއެވެ.

ނިކަމެތި ފަޤީރުންނަށް އޯގާތެރިވެ އަޅާލާ އެހީވުމަކީ އިސްލާމްދީނުގައި ނުހަނު ބާރު އަޅާކަމެކެވެ. ނަމަވެސް އެހީއެއްވުމުގެ ކުރިން މިއަދު މިވަނީ ވިސްނާލަން ޖެހިފައެވެ. ހަޤީގަތުގައި ހާލުގައި ޖެހިފައިވާ މީހެއްތޯ ބަލާ ދެނެގަތުން މުހިންމެވެ. އެމީހަކު ކުރިކަމެއް އެމީހަކަށްށޭ ބުނުމުގެ ބަދަލުގައި، މަކަރުހަދާ އޮޅުވާލާ މީހުންނަށް އެކަންކުރުމަށް ހިތްވަރުލިބޭ ކަންކަަމުން ދުރުވާން އެބަޖެހެއެވެ. ނަމަވެސް، މުހުތާދު ވެފައިވާމީހަކަށް އެއްޗެއް ދިނުމަކުން ގެއްލުމެއްނެތެވެ.

Ahmed Yasir

Ahmed Yasir

Ahmed Yasir is a musician, a song writer and a melodist.

Leave a Reply

Your email address will not be published. Required fields are marked *