ޔޫލިން

yoolin
(އެއްވަނަބައި)

އެމަންޒަރު އަދިވެސް ހިތުތެރޭގައި ކުރެހި ސިފަވަމުންދެއެވެ. ފިރެހެންވަންތަ ކަމުގެ ލާމަސީލު ނަމޫނާއެކެވެ. އިސްކޮޅާއި ބުރުސޫރައިގެ ރިވެތިކަމުން، މިރަށުގެ އެހެން ފިރެހެނުންނާއި އޭނާ ތަފާތުކުރުވައެވެ. ވާހަކަ ދެއްކުމުގައި ގެންގުޅޭ މަޑުމައިތިރިކަމާއި އަދަބުވެރިކަމުން އޭނާގެ އަޚުލާޤު ހާމަކޮށްދެއެވެ. ހެދުން އެޅުމުގައި ގެންގުޅޭ މިންގަނޑާއި ބޮލުގެ އިސްތަށިގަނޑު އޮމާންކުރެވިފައިވާ ގޮތުން އޭނާގެ ހަރުދަނާކަން އިތުރަށް އެނގެމުންދެއެވެ. އަކުރަމްއަކީ މިރަށު މަދަރުސާއިން ގްރޭޑް 10 އަށް ކިޔެވުމަށްފަހު މަތީ ތަޢުލީމު ހޯދަން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ކުއްޖެކެވެ. އަކުރަމް ބޭރުގައި އުޅޭތާ މިހާރު 3 އަހަރުވެއްޖެއެވެ. އަހަރެން އޭނާއާ ދިމާވީ ޗުއްޓީގައި ރަށަށްއައިދުވަހު ފެރީމަތިންނެވެ. އަހަރެންވެސް މާލޭގައި ކިޔަވަން ހުރެފައި ޗުއްޓީއަށް ރަށަށް އައި ދަތުރުމަތީގައެވެ.

އަހަރެންގެ އުމުރުން މިހާރު 18 އަހަރެވެ. މިވީދުވަސްތަކުގައި އަހަރެން ލޯބީގެގޮތުން ގުޅުނީ އެންމެ ކުއްޖަކާއެވެ. އެއީ އަހަރެންގެ އުމުރުން 16 އަހަރުގައި ނާސިހްއާއެވެ. ނަމަވެސް އެކަމުގެ ސަބަބުން އަހަރެންގެ ކިޔެވުމަށް ހީނަރުކަން ކުރިމަތިވެ، މަންމައާއި ބައްޕަގެ ހުވަފެންތަކާއި އުއްމީދުތައް ފުނޑުފުނޑުވެދާނެކަމުގެ ބިރު ހީވެގެން އަހަރެން އެގުޅުމަށް ނިމުމެއްގެނައީމެވެ. ނާސިހް އެކަން ނުކުރުމަށް އެދި އާދޭސްކުރަމުން ދަނިކޮށެވެ. އެއީ އަހަރެންނަށް ނިންމަން ވަރަށް އުނދަގޫވި ނިންމުމެކެވެ. ނަމަވެސް އަހަރެންގެ ތަޢުލީމާއި ކުރިއެރުމަށް ވިސްނުމަށްފަހު އެކަންކުރީ ޔާމިންބެގެ އެހީތެރިކަމާއެކުއެވެ. ޔާމިންބެ އަކީ ރަށު ސްކޫލުގެ ލީޑިންގ ޓީޗަރެކެވެ. މަންމައާއި އެބަނޑުމީހެއްގެ ދަރިއެކެވެ.

މިއީ އޭގެ ދެއަހަރުފަހެވެ. ފެރީ ރަށާގާތްކުރުމާއެކު މީހުންތައް ދަބަސްތަކާއި ފޮށިތައް ހިފައިގެން ފައިބަން ފަށައިފިއެވެ. މިއީ ސްކޫލް ޗުއްޓީ ދުވަސްވަރުކަމުން ފެރީވަނީ ފުރިބާރުވެފައެވެ. އަހަރެން ފެރީން ފޭބިއިރު މަންމައާއި ބައްޕަ އަހަރެން ބަލާއައިސް ތިއްބެވެ. ފައިބައިގެން މަންމަމެން ގާތައް ދިޔައީމެވެ. ނަމަވެސް އަހަރެންނަށް އަދިވެސް އަކުރަމް ފެނޭތޯ އެތަންމިތަން ބަލާ ހޯދާލެވުނެވެ. ނަމަވެސް އަކުރަމް ފެންނާކަށްނެތެވެ.

މަމްދޫހާ: ދަރިފުޅާ ކޯއްޗެއް ތި ހޯދަނީ؟ އަނެއްކާ ފެރީގަ އެއްޗެއް ބާއްވާފަތަ ތިއާދެވުނީ؟

މާގިނައިން ފަހަތް ބަލާތީ މަންމަ އަހަރެންނާ ސުވާލުކުރިއެވެ. އަހަރެން ނޫނެކޭ ބުނެ ގެއާދިމާއަށް ހިނގާގަތީމެވެ. މަންމައާ ބައްޕަވެސް އެކުގައި ހިނގާގަތެވެ.

އައިނީ: ޔޫލިން…! ޔޫލިން…!

ފަހަތްބަލާލިއިރު އަހަރެންގެ ރަހްމަތްތެރި އައިނީ އަހަރެންނަށް ގޮވަމުން ދުވެފާއާދެއެވެ. އަހަރެން މަޑުކުރީމެވެ. އައިނީއައިސް އަހަރެންނާ އަރާހަމަކުރިއެވެ.

އައިނީ: އޭ މަށަށް ގަޑިއަށް ނާދެވުނީ މަންމަ ކަމެއް ހަވާލުކޮށްގެން އެކަމުން ސަލާމަތްނުވެވިގެން… އެހެންނޫނީ އިނގެއެއްނު މަ ވައްޓާލާނެކަން ކައެ ރިސީވްކުރަން…

އައިނީ ހެމުންހެމުން އޭނާއަށް ގަޑިއަށް ފެރީދޮށަށް ނާދެވުނު ސަބަބު ކިޔައިދިނެވެ. އަހަރެން ދެން އެންމެ ރަނގަޅޭ ކިޔައި ކުރިޔަށް ހިނގާގަތީމެވެ. އަދި އައިނީ ގާތު ކުޑަ ވާހަކައެއް ދައްކާލަންޖެހޭ ވާހަކަ އަހަރެން ބުނީމެވެ. އޭނާވެސް ހުރީ އެވާހަކަ އަޑުއަހާ ހިތުންނެވެ.

ގެއަށްގޮސް އަކްރަމްގެ ވާހަކަ އަހަރެން އައިނީ ގާތު ކިޔާދިނީމެވެ. އަދި އަކްރަމް ފެނުމުން އަކްރަމްއަށް ހިތް ދެވުނު ވާހަކައާއި އަދިވެސް ބޭނުންވަނީ އޭނާ ފެންނަންކަމަށް ބުނެ އެވާހަކަ ތަކުރާރު ކުރީމެވެ. އައިނީ އެކަމުގައި އަހަރެންނަށް އެހީތެރިވާނެކަމުގައި ބުންޏެވެ. ނަމަވެސް އަހަރެން ބޭނުންވަނީ އަކުރަމް އަހަރެން ކައިރީ ރައްޓެހިވާން އަހާށެވެ. އަހަރެން މަތިންބައިންޖެހިގެން އުޅޭކަން އަކްރަމްއަށް އެނގޭކަށް ބޭނުމެއްނުވެއެވެ.

(ނުނިމޭ)

ސިޔާޒް ޖާބިރު

ސިޔާޒް ޖާބިރު

Siyaaz Jabir is the former editor of Mahaldheeb.com

3 Responses

  1. Avatar މަންޖެ says:

    thankolheh kuree,,, waiting fr the next part

  2. attu attu says:

    Siyatte……. Meethi Salhi.. Heskiyaapha…

    #cheers

  3. Avatar manjeyy says:

    kobaa aneh part?

Leave a Reply

Your email address will not be published. Required fields are marked *