އިހުގެ ފޮތްތަކުގައި ކީރިތި ރަސޫލާ އާއިމެދު އައިސްފައިވާ ވާހަކަތައް – 2 ވަނަ ބައި

މާތް ﷲ ބާވައިލެއްވި ފޮތް ތަކުގެ ތެރެއިން ކީރިތި ޤުރުއާނުގައި ނަމުން އެ ފޮތް ތަކުގެ ވާހަކަ އައިސްފައިވަނީ 4 ފޮތެކެވެ. އެއީ، ތައުރާތު، އިންޖީލް، ޒަބޫރު، އަދި ފުރުޤާން (ކީރިތި ޤުރުއާން) އެވެ. އާދެ، ފުރުޤާން އަކީ ޙައްޤާއި ބާޠިލް ވަކި ކޮށްދޭ ފޮތެވެ. އިހުގެ ފޮތްތަކުގެ ގޮތުގައި މިހާރު ފެންނަން ހުރި ފަތްފުށްތަކުގައި ހުރި އާޔަތްތައް ހުރީ ރަނގަޅަށްތޯ ބެލުމަށް ބޭނުންކުރެވޭނެ މިންގަނޑެއްގެ ގޮތުގައެވެ.

މި އާޓިކަލްގެ 1 ވަނަ ބައިގައި ފާހަގަ ކޮށްފައިވާނެ ފަދައިން “ދަ ބައިބަލް” ވަނީ ދެބަޔަކަށް ބެހިގެންނެވެ. އެއީ “އޯލްޑް ޓެސްޓަމަންޓް” އަދި “ނިއު ޓެސްޓަމަންޓް” އެވެ. އޯލްޑް ޓެސްޓަމަންޓްކީ ތައުރާތު ކަމުގައި އަދި ނިއު ޓެސްޓަމަންޓަކީ އިންޖީލު ކަމުގައި އެމީހުން ބުނެފާނެއެވެ. އަދި އެމީހުންގެ ތެރެއިން ބައެއް މީހުން އެނޫން ގޮތަކަށްވެސް ބުނެފާނެއެވެ.

ނަމަވެސް މުސްލިމުން އީމާންވަނީ މޫސާ ގެފާނަށް މާތް ﷲ ބާވައިލެއްވި ފޮތް ކަމުގައިވާ ތައުރާތު އަދި ޢީސާ ގެފާނަށް މާތް ﷲ ބާވައިލެއްވި އިންޖީލް އަދި ދާއޫދު ގެފާނަށް މާތް ﷲ ބާވައިލެއްވި ޒަބޫރު އަދި މުޙައްމަދު ގެފާނަށް މާތް ﷲ ބާވައިލެއްވި ކީރިތި ޤުރުއާން އަށެވެ. ނަމަވެސް ޤުރުއާން ފިޔަވައި ދެން ބާވައިލެއްވި ފޮތް ތަކުގެ ތެރެއަށް އިންސާނުން އިތުރުކޮށްފައިވާ ތަކެއްޗަކަށް ނޫނެވެ. އެހެންކަމުން މިހާރު ފެންނަން މި އޮތް ބައިބަލް އަކީ އިންޖީލު ކަމުގައެއް ނުބުނެވޭނެއެވެ. ވީމާ، ބައިބަލް އަށް އަހަރެމެން މުސްލިމުން އީމާން ވާކަށް ނުޖެހެއެވެ. ސަބަބަކީ ނިއު ޓެސްޓަމަންޓްގައި، އީސާގެފާނު ވިދާޅުވި ކަމަށް ލިޔެފައިވާ ބަސްފުޅު ތަކާއި، އަދި ތާރީޚް ލިޔާ މީހުންގެ ވާހަކަތައް ހިމެނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ބައިބަލްގެ ނިއު ޓެސްޓަމަންޓް އިން ބޮޑަށް ފެންނަނީ އެދުވަސްވަރުގެ ތާރީޚް ލިޔެފައިވާ، އެކަތި އަނެކައްޗާ ދިމާ ނުވާ ފޮތްތަކެކެވެ. އޭގައި ޢީސާގެފާނުގެ ބަސްފުޅުތައްވެސް މިބުނި ތާރީޚް ލިޔާ މީހުންގެ ބަސްތަކަށް ވުރެ ނިސްބަތުން ވަރަށް މަދެވެ. އެހެން ކަމުން ބައިބަލްގެ އެއް އާޔަތުގައި ބުނާ އެއްޗަކާއި އަނެއް އާޔަތުގައި ބުނާ އެއްޗެއް ދިމާ ނުވުމާއި،އެއް އާޔަތާއި އަނެއް އާޔަތުގެ މާނަ ދިމާ އިދިކޮޅަށް ހުރުމަކީ ފެންނަ ހަޤީގަތެވެ. ނަމަވެސް ކީރިތި ރަސޫލާ މުޙައްމަދު z އާއި، އިސްލާމް ދީނާއި، އަދި ޤުރުއާނުގެ ވާހަކަ އަދިވެސް އެ ފޮތްތަކުގައި އޮތީ ކޮން ގޮތަކަށްތޯ ބަލާލަމާ ހިނގާށެވެ.

އޯލްޑް ޓެސްޓަމަންޓްގައި

I will raise them up a Prophet from among their brethren, like unto thee, and will put my words in his mouth; and he shall speak unto them all that I shall command him.
Book of Deuteronomy Chapter 18: Verse 18.

މިއީ ބުކް އޮފް ޑިއުޓްރޯނޮމީ ގެ 18 ވަނަ ޗެޕްޓަރ ގެ 18 ވަނަ އާޔަތެވެ. މާނައީ “ކަލޭގެފާނު ފަދަ ނަބީއަކު، އެބައިމީހުންގެ އަޚުންގެ ތެރެއިން ތިމަން ރަސްކަލާނގެ ފޮނުއްވާ ހުށީމެވެ. އަދި ތިމަން ރަސްކަލާނގެ ކަލާމްފުޅު އެކަލޭގެފާނުގެ ދޫފުޅަށް ލައްވާ ހުށީމެވެ. އަދި ތިމަން ރަސްކަލާނގެ އެކަލޭގެފާނަށް ކުރައްވާ އަމުރުތައް އެކަލޭގެފާނު އެބައިމީހުންނަށް އިއްވަވާނެއެވެ.”
މި އާޔަތުން ދޭހަވާ މާނައަށް އިތުރަށް ބަލަމާ ހިނގާށެވެ. ޑިއުޓްރޯނޮމީގެ 18 ވަނަ ޗެޕްޓަރުގައި ވަނީ އިސްރާއިލުގެ ދަރިކޮޅުގެ މީހުންނާއި މެދު ކަންކަން ވާނެ ގޮތާއި އަދި އޭގެ ފަހުން އަދި ވާން ހުރި ބައެއް ކަންކަމުގެ ވާހަކައެވެ. އެގޮތުން 18 ވަނަ އާޔަތުގައި މާތް ރަސްކަލާނގެ މޫސާ ގެފާނަށް ޚަބަރު ދެއްވަނީ، މޫސާގެފާނު ފަދަ ނަބީއަކު، އެބައިމީހުންގެ (ބަނީ އިސްރާއިލުންގެ) އަޚުންގެ ތެރެއިން ފޮނުއްވާނެ ވާހަކައެވެ. މާނައަކީ އެ ނަބިއްޔާ ފޮނުއްވާނީ ބަނީ އިސްރާއިލުންގެ ތެރެއިންނެއް ނޫނެވެ. ބަނީ އިސްރާއިލުންގެ އަޚުންގެ ތެރެއިންނެވެ. އާދެ، އިސްމާއީލް ގެފާނުގެ ދަރިކޮޅުންނެވެ. ދެން މި އަންގަވަނީ އެކަލާނގެ ކަލާމްފުޅު އެ ނަބިއްޔާގެ ދޫފުޅަށް ލައްވާނެ ވާހަކައެވެ. އާދެ ދޫފުޅަށް ލެއްވުމުގެ މިސާލަކީ “އަޑު ދަށުން ކިޔުއްވައި ދަސްކޮށްދެއްވާ ބީދައިން” ވަޙީ އިއްވެވުމެވެ. އާދެ އަނގައިން އަނގައަށް ލައިދިނުމުގެ މިސާލެވެ. ޖިބްރީލު ގެފާނު މެދުވެރި ކުރައްވާ ކީރިތި ރަސޫލާއަށް ވަޙީ ބާވާލެއްވި ގޮތަށެވެ. މި އާޔަތުގެ ބާކީ އޮތް ބައިގައި އަންގަވަނީ އެކަލާނގެ އެ ނަބިއްޔާއަށް ބާވާލައްވާ ވަހީ، އެކަލޭގެފާނު މީސްތަކުންނަށް އިއްވަވާނެ ވާހަކައެވެ.
މި އާޔަތުގައި ޚަބަރު ދެއްވާފައި މިވަނީ މުޙައްމަދު ރަސޫލާ z ނޫން ދެވަނަ އެހެން ބޭކަލެއްގެ ވާހަކައެއް ނޫނެވެ. ސަބަބަކީ އިސްރާއީލުގެ ދަރިކޮޅު މީހުންގެ އަޚުން ކަމުގައިވާ އިސްމާޢީލް ގެފާނުގެ ދަރިކޮޅުން މުޙައްމަދު ގެފާނު ފިޔަވައި އެހެން ނަބީއަކު ފޮނުއްވާފައި ނުވުމާއި، ދެންވެސް މި އާޔަތުގައި އައިސްފައިވާ ކަންކަން އެކަލޭގެފާނުގެ ރަސޫލުކަމާއި އެއްގޮތް ކަމުގެ ބޮޑުކަމުންނެވެ.
ނަމަވެސް، ޑިއުޓްރޯނޮމީގެ މި އާޔަތުގައި މި ބަޔާންކުރާ ބޭކަލަކީ މުޙައްމަދު ގެފާނު ކަމާއިމެދު އިންކާރުކޮށް، އެއީ ޢީސާ ގެފާނުގެ ވާހަކަ ކަމަށް ކްރިސްޓިއަނުން ދައުވާ ކުރެއެވެ. އެމީހުންގެ މި ދެކޮޅު ނުޖެހޭ ވާހަކައަށް ދޭނެ ރައްދަކީ:
– ޢީސާ ގެފާނަކީ އިސްރާއީލުގެ ދަރިކޮޅުގެ ބޭކަލަކަށް ވުން. މި އާޔަތުގައި ބަޔާންކޮށްފައިވަނީ އިސްރާއިލުގެ ދަރިކޮޅުގެ ބޭކަލެއްގެ ވާހަކަ ކަމުގައި ނުވުން.
– މި އާޔަތުގައިވާ ކަންކަން ޢީސާގެފާނަށް ރައްދުވާނަމަ، އިސްރާއީލުގެ ދަރިކޮޅުން މޫސާ ގެފާނަށްފަހު ފޮނުއްވި އެހެން ހުރިހާ ނަބީންނަށްވެސް ރައްދުވާނެ ކަމެވެ.
– ހުރިހައި ގޮތަކުން ބެލި ކަމުގައި ވިޔަސް މޫސާ ގެފާނު ފަދަ ރަސޫލަކީ މުޙައްމަދު ގެފާނެވެ. ޢީސާ ގެފާނަކީވެސް މޫސާގެފާނު ފަދައިން ރަސޫލެއް ކަމަށް އަހަރެމެން މުސްލިމުން ޤަބޫލު ކުރިއެއް ކަމަކު ކްރިސްޓިއަނުން މިކަމެއް ޤަބޫލެއް ނުކުރެއެވެ. އެމީހުން ބުނާ ގޮތުން ޢީސާ ގެފާނަކީ މާތް ކަލާނގެ ދަރިކަލުންނެވެ. އަދި އެއީ އިންސާނެއްގެ ގޮތުގައި ދުނިޔެއަށް ވަޑައިގަތް މާތް ކަލާނގެއެވެ. އެހެން ކަމުން ޢީސާގެފާނީ މާތް ރަސްކަލާނގެ ކަމަށް އެމީހުން ގަބޫލު ކުރެއެވެ. މިހެންކަމުން ކްރިސްޓިއަނުންގެ އަޤީދާއަށް ބަލައިފިނަމަ މޫސާ ގެފާނުފަދަ ނަބީ އަކަށް އީސާ ގެފާނު ވާނެ ހަމަ އެއްވެސް ގޮތެއް ނެތެވެ.
– ޑިއުޓްރޯނޮމީ ގެ ޗެޕްޓަރ 34 ގެ 10 ވަނަ އާޔަތުގައި ބުނެފައިވަނީ “މޫސާ ގެފާނަށްފަހު އެފަދަ ނަބީއަކު އިސްރާއީލުގެ ދަރިކޮޅުން ފާޅު ނުވާ” ކަމަށެވެ.
އަދި މިނޫނަސް މި އާޔަތާއިމެދު ދެއްކިދާނެ ވާހަކަތަށް އަދިވެސް އެބަހުއްޓެވެ.
މިސަބަބު ތަކަށްޓަކައި، ޑިއުޓްރޯނޮމީގެ 18 ވަނަ ޗެޕްޓަރުގެ 18 ވަނަ އާޔަތުގައި އައިސްފައި އެވަނީ މުޙައްމަދު ގެފާނުގެ ވާހަކަކަން ޔަޤީނެވެ.
(ނުނިމޭ)

މުޙައްމަދު ޢާމިރު

މުޙައްމަދު ޢާމިރު

Mohamed Amir is the administrator of Mahaldheeb.com

Leave a Reply

Your email address will not be published. Required fields are marked *