ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރާށެވެ

ކޮންމެ މަޔަކުވެސް އަދި ކޮންމެ ބަފަޔަކުވެސް ތިމާގެ ދަރިފުޅުގެ މުސްތަޤްބަލަކީ އުފާވެރި މުސްތަޤްބަލަކަށް ވުމަށް އުއްމީދުކުރާނެއެވެ. ކާމިޔާބު ދަރިއަކަށް އެދަރިފުޅު ހެދޭތޯ ގަދައަޅާ މަސައްކަތްކުރާނެއެވެ. މުޖްތަމަޢުގައި އެދަރިފުޅަކީ އިޙްތިރާމާއި ޤަދަރު ލިބިގެންވާ މީހެއްކަމުގައިވުމުގެ ހުވަފެންދެކޭނެއެވެ. އެމީހަކަށް ވީވަރަކުން އަދި ކިއެއްތޯ، ނުވާވަރުންވެސް އެމަޤްޞަދު ހާޞިލްކުރަން ކެނޑިނޭޅި މަސައްކަތްކުރާނެއެވެ. ނަމަވެސް ދަންނަވަންތޯއެވެ. މުޖްތަމަޢުގެ ކޮންމެ ދަރިއަކީ ކާމިޔާބު ދަރިއަކަށް ނުވެދާނެއެވެ. އޭގެ ބަދަލުގައި ތިމާ އުއްމީދުކުރި ގޮތާއި މުޅީން ޙިލާފަށް ކަންތައްތައް ވެގެންދަނީ މަދެއްކޮށެއްނޫނެވެ.

މިލިޔުމުގައި އަޅުގަނޑު ބަލާލަން ބޭނުންވަނީ ދަރިން ތަރުބިއްޔަތުކުރުމުގެ މުޙިއްމުކަމުގެ މައްޗަށެވެ. އަދި ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި އިސްކަމެއްދޭންވީ ދެތިންކަމެއްގެ މައްޗަށެވެ. އަޅުގަނޑުގެ ނަޒަރުގައި ދަރިންތަރުބިއްޔަތުކުރުމުގައި އެދަރިފުޅު އުފަންވުމުގެ ކުރިން ފިޔަވަޅުއަޅަންޖެހެއެވެ. އެދަރިފުޅު އުފަންވަނީ ހެޔޮލަފާ މަންމައަކާއި ބައްޕައެއްގެ އަތްމައްޗަށްކަމުގައި ހެދުމަށް މަސައްކަތްކުރަން ޖެހެއެވެ. އަދި އެދަރިފުޅު އުފަންވުމުން އެދަރިފުޅު ހެދިބޮޑުވަނީ އިސްލާމްދީނުގެ އުޞޫލުތަކުގެ މަތީންކަމަށް ހެދުމަކީވެސް ކޮންމެހެން ކުރަންޖެހެކަމެކެވެ. އަދި ތިމާމެންވެސް އެދަރީންނަށް ނަމޫނާއަކަށް ވާންޖެހޭނެއެވެ. ސަބަބަކީ އެދަރިފުޅުގެ ފުރަތަމަ އެދުރުންނަކީ އެދަރިފުޅުގެ މަންމައާއި ބައްޕަ ކަމުގައިވާތީއެވެ.

ދުނިޔެވީ ތަޢުލީމާ އެއްވަރަށް ދީނީ އަދި އުޚްރަވީ ތަރުބިއްޔަތު ދިނުމަކީވެސް ވަރަށް މުޙިއްމުކަމެކެވެ. އެދަރިފުޅުގެ އުމުރާ ގުޅޭ މިންވަރަކުން މިތަރުބިއްޔަތު އިތުރުކުރަން ޖެހޭނެއެވެ. ނަމަވެސް މިހާރަކަށް އައިސް ކަންތައްތައް ވަމުންދަނީ މިދެންނެވި ގޮތާއި ދިމާއިދިކޮޅަށެވެ. ކުޑަކުއްޖާގެ އުމުރާއި ނުގުޅޭކަމުގައި ބުނެ ދީނީ މުޙިއްމު ކަންތައްތައް ދަރިފުޅަށް އުނގަންނައި ނުދީ، އެދަރިފުޅުގެ އުމުރާއި ނުގުޅޭ ފިލްމު ބެލުމަށާއި ވާހަކަފަދަ އެއްޗެތި ކިޔުމުގެ ފުރުޞަތުދެވެއެވެ. އޭގެ ސަބަބުން ދަރިން ހަލާކުވެގެންދާ މަންޒަރު މިހާރު މުޖްތަމަޢުތަކުން ފެނިގެންދާކަމީ ޤަބޫލުކުރަންޖެހޭ ހަޤީގަތެކެވެ.

ކޮންމެ ދަރިއަކީ އެއްވަނަ ލިބޭނެ ކުއްޖެއްނޫންކަން މައިންބަފައިން ދަންނަންޖެއެވެ. އިމްތިޙާނުތަކުގައި އެންމެ މަތީ ފާސް ހޯދާނެ ދަރިވަރެއްނޫންކަންވެސް ދަންނަންޖެހޭނެއެވެ. އެކިކުދިންނަށް ޙާޞިލްކުރެވޭނީ އެކިމިންވަރަށެވެ. އެކިކުދިންނަށް ދަސްވާނީވެސް އެމިންވަރަށެވެ. ނަމަވެސް ކާމިޔާބު ހޯދުމަށް އަބަދުވެސް މަސައްކަތްކުރުމަށް ދަރިފުޅަށް ދަސްކޮށްދޭންޖެހޭނެއެވެ. ހިތްވަރާއެކު މަސައްކަތްކުރުމަށް އަބަދުވެސް ދަރިފުޅަށް ބުނެދޭންޖެހޭނެއެވެ. ނާކާމިޔާބުވާ ދަނޑިވަޅުތަކުގައި އުއްމީދު އާކުރުމަށް ނަސޭޙަތްތެރިވާންޖެހޭނެއެވެ.

ކާމިޔާބު މީހަކަށްވާނީ ހަމައެކަނި ދުނިޔޭގެ ތަޢުލީމު ޙާޞިލްކޮށްގެން ނޫންކަން މައިންބަފައިން ދަންނަންޖެހެއެވެ. ޢިލްމާއި އެއްވަރަށް ޙިލްމަކީވެސް ވަރަށް މުހިއްމު އެއްޗެއްކަން ދަންނަންޖެއެވެ. އިސްލާމްދީނުގައި އަންގަވާފައިވާ މާތް އުޞޫލުތަކާއި ހަމަތަކާއި ގޮތްތައް ދަރިފުޅަށް ދަސްކޮށްދޭންޖެހެއެވެ. މަޑުމައިތިކަމާއި ތެދުވެރިކަމާއި އިޙްތިރާމްކުރުމުގެ ސިފަތައް ދަރިފުޅަށް ދަސްކޮށްދޭންޖެހެއެވެ. ރަނގަޅު އެކުވެރިން ހޯދުމަށާއި ބޭކާރު ކަންކަމުގައި ވަގުތު ދުއްވާނުލުމަށް ވިސްނާދޭންޖެހެއެވެ. ހަޤީގީ ކާމިޔާބީއަކީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް މީހާ ބައްޓަންވުންކަމުގައި އެކުއްޖާއަށް އަންގައިދޭންޖެހެއެވެ.

ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ، ރިވެތި ވެގެންވީ ސިފަތައް ދަރިފުޅަށް ދަސްކޮށްދިނުމަށެވެ. މިހާރުގެ ކުދިންގެ ކިބައިން މިފެންނަ މަންޒަރުތަކަކީ އިސްލާމްދީނުގެ ރިވެތި ސިފަތައް ދޫކޮށް، މާއްދިއްޔަތަށް އެކަނި ބަރޯސާވެގެން އެދަރިން ތަރުބިއްޔަތު ކުރުމުގެ ނަތީޖާއެވެ. މާދާމާގެ މުޖްތަމަޢު ހެޔޮ މުޖްތަމަޢުއަކަށް ހެދުމަށްޓަކައި މާދަމާގެ ޒުވާނުންކަމުގައިވާ މިއަދުގެ ކުޑަކުދީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރާށެވެ. ފާގަތި މުސްތަޤްބަލަކަށްޓަކައި، ހެޔޮލަފާ މުޖްތަމަޢުއެއް ބިނާކުރުމަށްޓަކައި، ޤައުމުގެ ކުރިމަގަށްޓަކައި، މިއަދު އެކުދިން ބޭނުންހާ މަގަކުން ހިނގިޔަނުދީ އެކުދިން އިސްލާމީ ރިވެތި ހަމަތަކުގެ މަތީ ހިފަހައްޓާށެވެ. މާދަމާ އެކުދިންނަކީ ތިބާގެ ލޮލުގެ ފިނިކަންކަމުގައި ވާން އެދޭނަމަ، މިއަދު އެދަރިފުޅު މާތްވެގެންވީ އުޞޫލުތަކުގައި ސާބިތުކުރާށެވެ. ދެފަރާތަށް ކާމިޔާބާއި ހިތްހަމަޖެހުން އޮތީ މިފަދައިން ދަރިފުޅު ތަރުބިއްޔަތުކޮށްގެންކަން ޔަގީނެވެ.

ސިޔާޒް ޖާބިރު

ސިޔާޒް ޖާބިރު

Siyaaz Jabir is the former editor of Mahaldheeb.com

Leave a Reply

Your email address will not be published. Required fields are marked *