…..ފުރާވަރުގެ ކުދިންގެ ހާލަތު

މިހާރަކަށް އައިސް ދިވެހި މުޖުތަމަޢަށް ކުރާ ގިނަ ނޭދެވޭ އަސަރުތައް ކުރަނީ ހުޅަނގުގެ ޤައުމުތަކުގެ މީހުންގެ އުޅުން ފެނިފައެވެ. މިގޮތުން ބަލާއިރު ފާހަގަ ކޮށްލެވޭ އެއްކަމަކީ ފުރާވަރަށް ކުދިން އެޅޭއިރު ކުދިންނާއި ރަށްޓެހިވެ ގައިގޯޅިވެ އުޅުމެވެ. ދަންނަވަންތޯއެވެ! މިއީ އަޅުގަނޑުމެން ވަރަށް ފިކުރު ބޮޑުވާން ޖެހޭ ކަމެކެވެ. ކުދިން ފުރާވަރަށް އެޅޭއިރު މިގޮތަށް އެކުދިން އުޅެން ދޫކޮށްލައިފިނަމަ އެކުދިން ރަނގަޅަށް ތަރުބިއަޔަތު ކުރުމަކީ ނުވާނޭ ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިގޮތަށް އެކުދިން އުޅެން ދޫކޮށްލުމުން ގިނަ ފަހަރަށް ފެނިގެންދަނީ އެކުއްޖާގެ ވިސްނުން މާބޮޑަށް އެ ގުޅުމުގެ ތެރެއަށް ގެނބިގެންދާތަނެވެ. އަދި ކުދިން ކިޔެވުމާ ދުރުވެ ދާތަނެވެ.

އާނއެކެވެ. ކުއްޖާ އެހާ ކުޑައިރު މިގޮތަށް އެހެން ކުދިންނާއި ގައިގޯޅިވެ އުޅުމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ވަރަށް ބޮޑަށް އަސަރު ކުރެއެވެ. މިގޮތުން ބަލާއިރު ކުއްޖާ ގިނައިން ވަގުތު ހޭދަކުރަން ބޭނުން ވަނީ އެކުއްޖާ ރަށްޓެހި ވެގެން އުޅޭ ކުއްޖާ އާއި އެކުގައެވެ. އެހެންކަމުން އެކުއްޖާއާއި ދޭެތެރޭ ވިސްނުމާއި، އެކުއްޖާއަށް ގުޅުމާއި، އެކުއްޖާއާ ބައްދަލު ކުރުން ފަދަ ކަންކަމުގައި ދުވަސްތައް ވޭތުވެގެން ދަނީއެވެ. މިގޮތަށް ވާން ފެށުމުން ކުއްޖާއަށް ގޭގައި ނުވަތަ ޓިއުޝަންގައި ނުވަތަ ގްރޫޕް ސްޓަޑީ ހަދައިގެންވެސް ކިޔެވުމަށް ޓަކައި ހޭދަކޮށްލެވެނީ މަދު ވަގުތުކޮޅެކެވެ. ގިނަ ފަހަރަށް އެއްވެސް ވަރަކަށް ކިޔެވުމަށް ވަގުތު ހޭދައެއް ނުކުރެވެއެވެ. ޓިއުޝަނަށް ނުވަތަ ގްރޫޕް ސްޓަޑީ ހަދަން ކުލާސް ކުއްޖެއްގެ ގެއަށޭ ކިޔާފައިވެސް ގިނަ ފަހަރަށް ދަނީ ރަށްޓެހިވެގެން އުޅޭ ކުއްޖާ ކައިރިއަށެވެ. ސުކޫލަށް ވެސް ބައެއް ފަހަރު ނުދެވޭތަން އައުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ.

ހިތާމަ ކުރަންޖެހޭ ހަމައެކަނި ކަމަކީ މިގޮތަށް ކިޔެވުމަށް ވަގުތު ނުދިނުމެއް ނޫނެވެ. މިހާރަކަށް އައިސް އެކުދިން އާއިލާއާއިއެކު ހޭދަކުރާ ވަގުތު ވެސް ކުޑަވާތަން ފެންނަމުން އެބަދެއެވެ. އާއިލާ އާއި އެކު އެއްތަށި މަތީގައި ކެއުމުގެ ބަދަލުގައި ފެންނަނީ ރަށްޓެހިވެގެން އުޅޭ ކުއްޖާއާއިއެކު ކޮންމެވެސް ރެސްޓޯރަންޓް އަކަށް ކާން ދާތަނެވެ. އާއިލާ އާއި އެކު ހިނގާލަން ދިއުމުގެ ބަދަލުގައި ފެންނަނީ ރަށްޓެހިވެގެން އުޅޭ ކުއްޖާއާއި އެކު ސައިކަލް ދުއްވަން ނިކުންނަ ތަނެވެ. އާއިލާގެ  އެންމެން ނިދަން އޮށޯންނަ އިރު އުޅެނީ ރަށްޓެހިވެގެން އުޅޭ ކުއްޖާއާއި އެކު ބޭރުގައެވެ. ނިދަން އަންނަނީ ދަންވަރު ވާ ފަހުންނެވެ. ގިނަފަހަރަށް ބަންދު ދުވަހެއް ނަމަ ނިދާ ހޭލަނީ ވެސް ލަސް ވާ ފަހުންނެވެ. ގޭގައި މަންމަ ނުވަތަ ބައްޕަ މެނަށް އެހީވާ ތަން ފެނުމަކީވެސް މިހާރު ނާދިރު ކަމެކެވެ.

ދެން ފެންނަނީ އިރުއޮއްސޭ ގަޑީގައި އަތުގުޅާލައިގެން ދަޅަމައްޗަށް ނިކުންނަ މަންޒަރެވެ. ނުވަތަ ތުނޑިއަށް ހިނގާލަން ނުވަތަ ސައިކަލް ދުއްވާލަން ދާ މަންޒަރެވެ. ނޫނީ ރޭގަނޑު ގަޑީގައި ދަންވަންދެން އަނދިރި ތަންތާގައި އެކަނި ބައްދަލުކުރަން ތިބޭ މަންޒަރެވެ. މިސްނާލަމާތޯއެވެ. މިގޮތަށް އުޅުމަކީ ރޫޙާނީ އެއްޗެހީގެ ޝިކާރައަކަށް ތިމާ ވުން ވަރަށް ގާތް ކަމެކެވެ.

މިހާރަކަށް އައިސް ވަރަށް ވިޔާނުދާ ޢަމަލުތަކެއް ފެންނަމުން އެބަދެއެވެ. އެކަމަކީ ރަށްޓެހިވެގެން އުޅޭ ކުދިން އެކަހެރިކޮށް މާ ގިނަ ވަގުތު ހޭދަކުރުމެވެ. އަންހެނަކާއި ފިރިހެނަކު ތަނެއްގައި އެކަނި ވާނަމަ 3 ވަނަ މީހަކަށް އެތާނގައި ޝައިޠާނާ ވާނެއެވެ. އެހެންކަމުން ގިނަފަހަރަށް ފެނިގެންދަނީ ޝަޙުވާނީ އެދުން ބޮޑުވެ ނުބައި ޢަމަލުތަކަށް ތިމާ އަރައިގަންނަ ތަނެވެ. ދަންނަވަންތޯއެވެ. މިކަންތަކަކީ އިސްލާމް ދީނުގައި ނަޙީ ކުރައްވާފައިވާ ކަންތަކެވެ. އަދި ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ތިމާ އަށް އޭގެ ޢަޛާބު ލިބޭނޭ ކަންތަކެވެ.

ވިސްނާލަން ޖެހޭ އަނެއް ކަމަކީ ކުއްޖާ ދީނީ ކަންތަކަށް ފަރުވާ ކުޑަވާތަނެވެ. ނަމާދުު ކުރަން ދިޔުމުގެ ބަދަލުގައި ފެނިގެންދަނީ ރަށްޓެހިވެގެން އުޅޭ ކުއްޖާއަށް ގުޅައިގެން އުޅޭތަނެވެ. ޤުރުއާން ކިޔެވުމާއި ދީނީ އެހެން ކަންކަމުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި ފެންނަނީ ރަށްޓެހިވެގެން އުޅޭ ކުއްޖާއާއި ބައްދލުކުރަން ކޮންމެވެސް ތަނަކަށް ގޮސް ތިބޭ މަންޒަރެވެ. މިހާރުގެ ކުދިންގެ ޙާލަތަކީ މިއީއެވެ. ދީނީ ކަންކަން ކުރުމަކީ އެމީހުނަށް އެހާ މުހިންމު ކަމަކަށް މިހާރު މިވަނީ ނުވެފައެވެ.

މީގެ އިތުރުން ބެލެނިވެރިން ވިސްނާލުން މުހިންމު އަނެއް ކަމަކީ ޚަރަދު ބޮޑުވުމެވެ. އާނއެކެވެ. ކުއްޖާގެ ގިނަވަގުތުތައް ހޭދަކުރަނީ ރަށްޓެހިވެގެން އުޅޭ ކުއްޖާއަށް ގުޅައިގެންނެވެ. މިގޮތުން ދުވާލަކު އެތައް ރުފިޔާއެއް، ރަށްޓެހިވެގެން ކުއްޖާއަށް ގުޅުމަށް ފޯނަށް ޚަރަދުވެއެވެ. މިކަންތަކަށް ގިނަފަހަރަށް ކުއްޖާ ފައިސާ ހޯދަނީވެސް މައިންބަފައިންނަށް ދޮގުހަދައިގެން އެހެން ކަމެއް ކުރުމަށް މަތި ކޮށްގެނެވެ. ވިސްނާލަން މުހިންމެވެ. މިއީ ވެސް ވައްކަމުގެ ތެރެއަށް ވަދުން އެކަށީގެންވާ ޢަމަލެކެވެ. ދެން ފެނިގެން ދަނީ ރަށްޓެހި ވެގެން އުޅޭ ކުއްޖާއާއި އެކު ރެސްޓޯރަންޓް އަށް ކާން ދާން ލާރި ހޯދާ ތަނެވެ. ނުވަތަ ލާރި ނުދީފިނަމަ ވަގަށް ލާރި ނަގާ ތަން ވެސް މިހާރު ފެންނަމުން ދެއެވެ.

މިހުރިހާ ކަންތަކަކީވެސް މައިން ބަފައިންނާއި އެހެނިހެން މީހުންވެސް ވިސްނާލުން މުހިންމު ކަންކަމެވެ.  މިކަންތައް މަދުކުރުމަށް ނުވަތަ ހުއްޓުވުމަށް ފިޔަވަޅު ތަކެއް އަޅަން އެބަޖެހެއެވެ. މިގޮތުން ކުއްޖާ އުޅޭގޮތް ރަނގަޅަށް ބެލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ކުއްޖާ އުޅޭގޮތް ބަލައި، ކުއްޖާއަށް ނަޞޭޙަތް ދިނުމުން ކުއްޖާ މިކަހަލަ ކަންތަކުން ދުރުވެދެއެވެ. މިކަންތައް ހުއްޓުވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރެވޭނީ މައިންބަފައިންނަށެވެ. އަދި މިކަމުގައި މުޖުތަމަޢުގެ އެހީތެރިކަން ދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

މުޙައްމަދު ނުހާދު

މުޙައްމަދު ނުހާދު

Name: Mohamed Nuhadh Currently an ACCA student at Villa College

Leave a Reply

Your email address will not be published. Required fields are marked *