އިހުގެ ފޮތްތަކުގައި ކީރިތި ރަސޫލާ އާއިމެދު އައިސްފައިވާ ވާހަކަތައް – 4 ވަނަ ބައި

ދެން “ނިއު ޓެސްޓަމަންޓް” ގެ އާޔަތްތަކަށް ބަލާލާނަމެވެ. ނިއު ޓެސްޓަމަންޓްގައި އައިސްފައިވަނީ ޢީސާ ގެފާނުގެ ވާހަކަތަކެވެ. އަދި އީސާގެފާނާއިމެދު ކަންކަން ހިނގާދިޔަ ގޮތް ކަމަށް އެކި މީހުން ދައްކާފައިވާ އެކި ވާހަކަތަކެވެ. ފާހަގަ ކޮށްލަންޖެހޭ ކަމަކީ، ބަނީ އިސްރާއީލުން ފިޔަވާ ދެންތިބި މީހުންނާއި ހަމައަށް މި މީހުން އަމިއްލަޔަށް އުފެއްދި މަސްހުނިގަނޑު  ގެންދިއުމަށްޓަކައި، އަދި ޢީސާގެފާނު ސޮލީބަށް އަސްލުގައިވެސް އެރުވުނުކަމާއި، އެކަލޭގެފާނަކީ މާތް ކަލާނގެއަށް އުފަން ދަރިކަލުން ކަމާއި، އެކަލޭގެފާނަކީ ތިން ކައުވަންތަ ކަމުގައި ބައިވެރިވާ ދެވަނަ ފަރާތް ކަމަށް އެބައި މީހުނަށް ދެއްކުމަށްޓަކައި، ވަރަށް ބޮޑެތި އޮޅުވާލުމާއި މަކަރު، ބައިބަލް ލިޔުނު މީހުން ހަދާފައިވެއެވެ. މިކަމުގައި އެންމެ ބޮޑު ރޯލެއް ކުޅެފައިވަނީ ‘ޕޯލް’ އެވެ. މިކަމަށް އެމީހުން ހޭވި ހަޑީގެ ސަބަބުން އެއް އާޔަތާއި އަނެއް އާޔަތް ފުށުއެރުމުގެ އިތުރުން ހަމަ އެއް އާޔަތެއްގެ ތެރެއިންވެސް ބުނަން އުޅޭ އެއްޗެއް ފުށޫ އަރާތަން ފެނިދާނެއެވެ. ކިޔާ މީހާ ޖެހޭނީ މާނަ އަމިއްލަޔަށް ހަމަޖައްސާލައިގެން، ދޭހަވާ މާނައެއް ވިސްނައިގަންނާށެވެ.
ވިސްނާލަންޖެހޭ ކަމަކީ، މުޙައްމަދު ގެފާނު ފަހު ޒަމާނުގެ ރަސޫލާ ކަމުގައި ވަޑައިގަތުމަކީ، ކްރިސްޓިއަނުން މިހާރު ގަބޫލުކުރާ އަޤީދާއާއި މުޅިން ފުށޫއަރާ ކަމެކެވެ. ވީމާ މުޙައްމަދު ގެފާނު ރަސޫލުކަމާއިގެން ފޮނުއްވޭނޭ ކަމަށް ޢީސާގެފާނު ދެއްވާފައިވާ ޚަބަރު ތަކަކީ މިއަދުގެ ކްރިސްޓިއަނުންގެ އަޤީދާއާއި މުޅިން ނުބައްދަލު ކަންކަމެވެ. އެހެން ކަމުން ޢީސާގެފާނު ދެއްވާފައިވާ އުފާވެރި ހެޔޮ ޚަބަރުތައް ބަދަލު ކުރަން އެމީހުން އެކި ގޮތް ގޮތަށް މަސައްކަތް ކުރިއެވެ.
ނަމަވެސް، އަޅުގަނޑުމެން ޔަޤީން ކުރާ ކަމަކީ، ކީރިތި ޤުރުއާން ރައްކާތެރި ކުރައްވާނެ ކަމަށް މާތް ﷲ ވޮޑިގެންވާ ވަޢުދުގެ ސަބަބުން ޙިމާޔަތް ކުރައްވާނީ ހަމައެކަނި ޤްރުއާނުގެ އާޔަތްތަކުގައިވާ އަކުރުތަކާއި ފިލިތައް  އެކަންޏެއް ނޫނެވެ. އަދި އޭގެ އިތުރުން، ކީރިތި ޤުރުއާނުން ދެއްވާފައިވާ މެސެޖުވެސް ހަމަ އެގޮތަށް ރައްކާތެރި ވުމެވެ. އާދެ، ޢީސާ ގެފާނ،ު މުޙައްމަދު ގެފާނު ވަޑައިގަންނަވާނޭ ކަމުގެ ހެޔޮ ޚަބަރު ދެއްވި ކަމަށް ކީރިތި ޤްރުއާނުން އަޅުގަނޑުމެނަށް އެނގެއެވެ. އެހެން ކަމުން، ކްރިސްޓިއަނުން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މި ހަޤީގަތް ޚުދު ބައިބަލް އިންވެސް ހަމަ ފެނި ފެނި އޮންނާނެއެވެ.
އާދެ، ބައިބަލްގެ ނިއު ޓެސްޓަމަންޓުގެ އާޔަތްތަކަށް ދެން ބަލާލަމާ ހިނގާށެވެ.

“And I will pray the Father, and he shall give you another Comforter, that he may abide with you forever.”
Gospel of John Chapter 14 Verse 16

މިއީ ޔޫހައްނާގެ އިންޖީލުގެ ޗެޕްޓަރ 14 ގެ 16 ވަނަ އާޔަތެވެ. މާނައަކީ “ތިޔަބައި މީހުންގެ ހިތްތަކަށް ފިނިގަން ގެނެސްދޭނެ އެހެން ބޭކަލަކު ފޮނުއްވުމަށް އަހުރެން އެކަލާނގެ ހަޒުރަތަށް ދުޢާ ކުރާނަމެވެ. އެއީ އެކަލޭގެފާނު ތިޔަބައި މީހުންނާއިއެކު އަބަދަށް ވުމަށްޓަކައެވެ.”
މިއާޔަތަށް އިތުރަށް ބަލާލަމާ ހިނގާށެވެ. ޔޫހައްނާގެ އިންޖީލުގެ 14،15 އަދި 16 ވަނަ ޗެޕްޓަރުގައި ވަނީ ޢީސާ ގެފާނު މިދުނިޔެއާއި ދުރަށް މާތް ﷲ ގެ ހަޟުރަތަށް ވަޑައިގަންނަވަން ޖެހޭ ކަމުގެ ޚަބަރު އެކަލޭގެފާނު މީސްތަކުންނަށް އަންގަވާ ދެއްވަން ދެއްކެވި ވާހަކަފުޅު ތަކެވެ. މިގޮތުން ދެއްކެވި ވާހަކަފުޅުތަކުން ޔޫހައްނާގެ އިންޖީލުގެ 14 ވަނަ ޗެޕްޓަރުގެ 16 ވަނަ އާޔަތުގައި މިވަނީ، ޢީސާ ގެފާނު މިދުނިޔާއި ދުރަށް ވަޑައިގަންނަވަންޖުނު ކަމުގައި ވިޔަސް މީސްތަކުން ހިތާމަކުރަން ނުޖެހޭނެ ކަމުގެ ހެޔޮ ޚަބަރެވެ. މީސްތަކުންގެ ހިތް ތަކަށް ފިނިކަން ގެންނަވާނޭ އަދި އެހެން ބޭކަލަކު ފޮނުއްވުމަށް މާތް ރަސްކަލާނގެއަށް ދުޢާ ކުރައްވާނޭ ވާހަކައެވެ. އަދި ހިތްތަކަށް ފިނިކަން ގެންނަވާނޭ ކަލޭގެފާނު، މީސްތަކުންނާއި އެކު އަބަދު ވާނޭ ވާހަކައެވެ. މާނަޔަކީ އެކަލޭގެފާނުގެ ރިސާލަތު އަބަދުގެ އަބަދަށް ދެމި އޮންނާނެ ވާހަކައެވެ. އާދެ ‘ގޮޝްޕެލް’ މިބަހުގެ މާނަޔަކީ ‘ގުޑް ނިއުސް’ ނުވަތަ ހެޔޮ ޚަބަރެވެ. އާދެ، މުޙައްމަދު ގެފާނު ވަޑައިގަންނަވާނޭ ކަމުގެ ހެޔޮ ޚަބަރެވެ.
މިކަން އިތުރަށް ސާފު ކުރުމަށްޓަކައި ޔޫހައްނާގެ އިންޖީލުގެ އެހެން އާޔަތަކަށް ބަލާލަމާ ހިނގާށެވެ.

Gospel of John chapter 16 verse 7:
“Nevertheless I tell you the truth; it is expedient for you that I go away: for if I go not away, the Comforter will not come unto you; but if I depart, I will send him unto you”.
Gospel of John chapter 16 verse 7

މިއީ ޔޫހައްނާގެ އިންޖީލުގެ 16 ވަނަ ޗެޕްޓަރުގެ 7 ވަނަ އާޔަތެވެ. މާނައަކީ “އަހުރެން ތިޔަބައިމީހުނަށް ތެދު ގޮތް ކިޔާދިނެއް ކަމަކު، ތިޔަބައިމީހުންނަށް ފައިދާހުރި ގޮތަކީ އަހުރެން ދުރަށް ދިއުމެވެ: ސަބަބަކީ އަހުރެން ނުގޮސް ހުރެއްޖެނަމަ، ހިތްތަކަށް ފިނިކަން ދެއްވާ ކަލޭގެފާނު ތިޔަބައިމީހުންގެ ކައިރިއަށް ވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް އަހުރެން ދިއުމަށްފަހު އެކަލޭގެފާނު ފޮނުވާނަމެވެ”.
އާދެ، އިސްވެ ދެންނެވުނު އާޔަތާއި، މި އާޔަތުގައި ބުނެފައިވާ ‘ހިތްތަކަށް ފިނިކަން ގެނެސްދެއްވާ ކަލޭގެފާނު’ ނުވަތަ ‘ކޮމްފޯޓަރ’ މިއީ ކިހިނަކުން އިނގިރޭސި ބައިބަލް އަށް އައިސްފައިވާ ބަހެެއްތޯ ބަލާލުން މުހިންމެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، ޢީސާގެފާނު ވާހަކަ ދައްކަވައި އުޅުއްވީ އިހު ޒަމާނުގެ ހިބްރޫ ބަހެއް ކަމަށްވާ ‘އަރަމައިކް’ ބަހުންނެވެ. ނަމަވެސް ބައިބަލްގެ ނިއު ޓެސްޓަމަންޓް އެންމެ ފުރަތަމަ ލިޔެފައިވަނީ މުސްކުޅި ގްރީކް ބަސް ކަމަށްވާ ‘ކޯނޭ ގްރީކް’ ބަހުންނެވެ. ކޯނޭ ގްރީކް ބަހުން ލިޔެފައިވާ ބައިބަލްއަށް ބަލާއިރު މި އާޔަތުގައި ‘ކޮމްފޯޓަރ’ މިބަހަށް ބޭނުންކޮށްފައިވާ ބަހަކީ ‘ޕެރެކްލިޓޯސް’ މިބަހެވެ. މާނަޔަކީ ‘ތަޢުރީފް ލިބިގެންވާ މީހާ’ ނުވަތަ ‘ޙަމްދު ކުރާމީހާ’ އެވެ. އާދެ، މުޙައްމަދު ނުވަތަ އަޙްމަދެވެ. ހަޤީގަތުގައި ޢީސާ ގެފާނު މި އާޔަތްތަކުގައި ވިދާޅުވެފައި އެވަނީ މުޙައްމަދު ގެފާނު ފިޔަވާ އެހެން ބޭކަލެއްގެ ވާހަކައެއް ނޫނެވެ.
މާތް ﷲ އިންސާނުން ހައްދަވާ، އާދަމް ގެފާނާއި ހިސާބުން ފެށިގެން ދަރިފަސްކޮޅު ދެމިގެން އައިސް އެކި ޒަމާންތައް ކަޑައްތުކޮށް މުޙައްމަދު ގެފާނާއި ހަމައަށް އައި އިރު އިންސާނުން ވަނީ މިޒަމާނުގެ ޝަރީއަތުގެ ނިޒާމަށް ތައްޔާރު ވެފައެވެ. ވިސްނުން ވަނީ އެފަދަ ފުރިހަމަ ނިޒާމަކަށް ތައްޔާރު ވެފައެވެ. ކުޑަކުއްޖަކު އުފަންވެގެން ބޮޑުވެ ފުރާ ފުރިހަމަވެ ބޮޑެތިމީހުންގެ ކަންކަން ފަހުމްވާން ތައްޔާރުވާ މިސާލުގައެވެ. ޢީސާގެފާނުގެ ދުވަސްވަރާއި ހަމައަށް އައި އިރު އެއިރުގެ އިސްރާއީލުގެ ދަރިކޮޅުގެ މީހުން ފަހު ޒަމާނުގެ ނިޒާމަކަށް އަދި މުޅިން ތައްޔާރުނުވާކަން ޔޫހައްނާގެ އިންޖީލުގެ 16 ވަނަ ޗެޕްޓަރުގެ 12 ވަނަ އާޔަތުން ފެށިގެން 14 ވަނަ އާޔަތަށް ބަލާލުމުން އިނގޭނެއެވެ.

“I have yet many things to say unto you, but ye cannot bear them now. Howbeit when he, the Spirit of truth is come, he will guide you unto all truth: for he shall not speak of himself; but whatsoever he shall hear, that shall he speak: and he will show you things to come. He shall glorify me”.
Gospel of John chapter 16 verse 12-14:

“އަހުރެން ތިޔަބައި މީހުންނަށް ބުނަން ގިނަ ވާހަކަތަކެއް އަދި އެބަހުއްޓެވެ. ނަމަވެސް ތިޔަބައި މީހުނަކަށް އެކަން ކަމަކަށް އަދި މިވަގުތަކު ކެތެއް ނުކުރެވޭނެއެވެ. ނަމަވެސް ތެދުމަގުގެ ރޫހު ވަޑައިގަންނަވާ، އެކަލޭގެފާނު ތިޔަބައިމީހުން އެންމެނަށް ތެދުމަގަށް މަގުދައްކަވާނެއެވެ. ސަބަބަކީ އެކަލޭގެފާނު އަމިއްލަ ފުޅަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވާނެއެވެ. ނަމަވެސް އެކަލޭގެފާނަށް އިވި ވަޑައިގަންނަވާ ވަޙީ އެކަލޭގެފާނު ތިޔަބައިމީހުނަށް ވިދާޅުވެދެއްވާނެއެވެ: އަދި ފަހުން ވާންހުރި ކަންކަން އަންގަވައިދެއްވާނެއެވެ. އެކަލޭގެފާނު އަހުރެންގެ ޢިއްޒަތް އުފުއްލަވާނެއެވެ.”
އާދެ، ޢީސާގެފާނަށްފަހު ތެދުމަގާއިގެން ރަސޫލަކު ވަޑައިގަންނަވާނެކަން މިހާ ޞަރީހަ އިބާރާތުން އަދިވެސް ބައިބަލް އިން ފެންނަން އެހުރީއެވެ. ނަމަވެސް ތެދުމަގަކީ މާތް ﷲ ދެއްވާ އެއްޗެކެވެ. ތެދުމަގު ހޯދުމަށް މަސައްކަތްކޮށް ރަނގަޅުގޮތް ހޯދަން މަސައްކަތް ކުރާ މީހުނަށް ތެދުމަގު ދައްކަވާކަން އަބަދާއި އަބަދު މިދަނީ ފެންނަމުންނެވެ. އާދެ،ބައިބަލްގެ މިދެންނެވި އާޔަތްތައް ކިޔުމަށްފަހު އެތައް ބަޔަކު އިސްލާމް ދީން އިޚްތިޔާރުކޮށްފައި ވެއެވެ.
(ނިމުނީ)

މުޙައްމަދު ޢާމިރު

މުޙައްމަދު ޢާމިރު

Mohamed Amir is the administrator of Mahaldheeb.com

Leave a Reply

Your email address will not be published. Required fields are marked *