!އިންވެސްޓަރުން އައުމަކީ ތަރައްޤީ ވުމެއްނޫން

މާސިންގާ ކަނޑުގެ ބިޔަ ރާޅުތަކުގެ ދަށުވާން އެދޭނީ ފަހެ ކާކުހެއްޔެވެ؟ ދަތުރުކުރަމުން ދިޔަ ދޯނި ގަދަ ވަޔާ ވިއްސާރައިގައިޖެހި ބަންޑުންވާން އެދޭނީ ފަހެ ކާކުއްޔެވެ؟ އުފާވެރިކަމުގެ ފޮނިމީރުކަން މާމަލުން ލިބިލިބި ހުއްޓައި، ހިތާމައިގެ ވިހަ ގަދަ ކަރުނައިގައި ތެމެން ބޭނުންވާނީ ފަހެ ކާކުހެއްޔެވެ؟ ނެތެވެ! އެކަކުވެސް ނެތެވެ! ކޮންމެ މީހަކުވެސް އެދެނީ ހިތްހަމަޖެހުމާއި އަރާމެވެ. އަމާންކަމާއި ސުލްޙަ މަސަލަސްކަމެވެ. ފާގަތިކަމާއި ކާމިޔާބީއެވެ. ނަމަވެސް އެކަމަށް އެދި މަސައްކަތްކުރަނީ ކިތައް މީހުން ހެއްޔެވެ؟ އެ އުފާވެރި މަންޒިލަށް ދިޔުމުގެ އަޒުމުގައި ތިބީ ކިތައް ދިވެހިން ހެއްޔެވެ؟

ޒަމާން މިވަނީ ބަދަލުވެފައެވެ. ތަރައްޤީއާއި ތަހުޒީބުގެ ނަމުގައި ތަފާތު އެތައް ދޮރެއް މިވަނީ ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައެވެ. އެކިއެކި ނަންނަމުގައި އިންވެސްޓަރުންނަށް މިވަނީ ރާއްޖެއައުމަށް ދަޢުވަތު ދެވިފައެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަޤީޤަތަކީ ހަމައެކަނި އިންވެސްޓަރުންނަށް މިޤައުމު ހުޅުވާލުމަކުން ތަރައްޤީ ނުވާނެކަމެވެ. އުސް ޢިމާރާތްތަކާއި ބޮޑެތި ސްޕޯރޓްސް ކޮމްޕްލެކްސްތަކަކީ ތަރައްޤީ މިނެކިރާ ހަމައެކަނި ވަޞީލަތް ނޫންކަމެވެ. ތަރައްޤީއަކީ ޤައުމުގެ ހުރިހާ ފަރުދުންގެ ޙިއްސާއާއެކު އުފެދިގެން އަންނަ ދިރިއުޅުމުގެ ވައްޓާފާޅިއެކެވެ. އެންމެ އާދައިގެ ރައްޔިތުމީހާއަށްވެސް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމާއި، ސަލާމަތާއި ރައްކާތެރިކަމާއި، ތަޢުލީމުގެ ފުރުޞަތު ހޯދާ ނުދެވޭހާ ހިނދު އެތަނެއް ތަރައްޤީވީކަމުގައި ނުބެލެވޭނެއެވެ.

ތަރައްޤީއާ ގުޅުވައިގެން މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް. އީ. ޒެޑް) ގެ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މިބިލުގެ މަޤްޞަދަކީ ބޭރުގެ އިންވެސްޓަރުންގެ ޝައުޤުވެރިކަން ރާއްޖެއަށް އިތުރުކުރުމާއި، އާ ޓެކްނޮލޮޖީތައް ތަޢާރަފްކުރުމާއި ދިވެހިންނަށް ވަޒީފާގެ ފުރުޞަތު އިތުރުކޮށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމެވެ. މިއީ މިއަދު ޤައުމަށް ނުހަނު ބޭނުންތެރި ކަންކަމެވެ. ޖުމްލަކޮށް ބުނަނީނަމަ އެސް. އީ. ޒެޑް ބިލަކީ ކުރިއަށް ދިޔުމަށްޓަކާ އެޅޭނޭ ވަރަށް މުޙިއްމު ފިޔަވަޅެކެވެ. ތަރައްޤީވެފައިވާ ޤައުމުތަކާ ފައިހަމަކުރުމަށް ލިބޭނެ ރަނުގެ ފުރުޞަތެކެވެ.

ހަމައެކަނި މިފަދަ ބިލެއް ފާސްވުމަކުން ޤައުމެއް ތަރައްޤީ ވެގެން ނުދެއެވެ. މިކަމުން ނިކުމެދާނެ ނަތީޖާތަކަށް ސަރުކާރުން ވަރަށް ވިސްނަންޖެހެއެވެ. މިކަމުން ލިބިދާނެ ފައިދާއާއި ކުރިމަތިވެދާނެ ނޭދެވެ އަސަރާ އަޅާކިޔެންޖެހެއެވެ. މިއަދުގެ ޤައުމުގެ ޙާލަތުއޮތީ މިފަދަ ހުޅުވާލުމަކަށް އެންމެ އެކަށޭނެ ޙާލަތެއްގައިތޯ ބަލަންޖެހެއެވެ. ޤައުމުގައި ކޮރަޕްޝަނާއި ފަސާދަވަނީ ކިހާ ހިސާބެއްގައިތޯ ބަލަންޖެހެއެވެ. މިހާރުވެސް މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ތަފާތު އެކި ކުށްކުށަށް ހުޅުވިފައިވާ ޤައުމެކެވެ. ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ލިސްޓްގައިވާ ގިނަ ޤައުމުތަކަކީ މީހުން މެރުމާއި މާރާމާރީ ހިންގުމާއި ރޭޕްކުރުން ފަދަ ކުށްތައް އެންމެ ގިނައިން ހިނގާ ޤައުމުތަކެވެ. އެފަދަ ޤައުމުތަކުން އެޅޭ އަނދިރިގަނޑުން ސަލާމަތް ވުމަށް އެކަށިގެންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދުމަށްފަހު ނޫނީ މިފަދަ ބިލެއް ޤާނޫނަކަށްވެ ވުޖޫދަށް އައުމަކީ އިންތިހާ ދަރަޖައަށް ގެއްލުން ލިބިދާނެކަމެކެވެ.

ތަރައްޤީ ހޯދަން އަޅުގަނޑުމެން ކުރާ ދަތުރުގައި، ދިވެހި ޤައުމަށް ލިބިދާނެ ފޫނުބެއްދޭވަރުގެ ގެއްލުމާމެދު ވިސްނަންޖެހެއެވެ. ތަހުޒީބުގެ ނަމުގައި އަންނަ ނުރަނގަޅު ވިސްނުންތަކަށް އަޅުގަނޑުމެން ފާރަވެރިވާންޖެހެއެވެ. މުޖުތަމަޢުގައި އުފެދިދާނެ އަޚުލާޤީ ބަލިމަޑުކަމަކަށް ނަޒަރު ހިންގަންޖެހެއެވެ. ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ކުރިން، އެފަރާތަކުގެ ފުރިހަމަ މަޢުލޫމަތު އިނގެންޖެހެއެވެ. މިކަންކަމަށް ފުރިހަމަ ގޮތުގައި އަޅާނުލެވިއްޖެނަމަ، މަދު ދުވަސްކޮޅަކަށް ލިބޭ ފައިދާއަށްވުރެ ދިގުމުއްދަތުގައި ލިބޭ ގެއްލުން ބޮޑުވެދާނެކަމީ ވުން ވަރަށް ގާތްކަމެކެވެ.

ސިޔާޒް ޖާބިރު

ސިޔާޒް ޖާބިރު

Siyaaz Jabir is the former editor of Mahaldheeb.com

Leave a Reply

Your email address will not be published. Required fields are marked *