!!ބެލެނިވެރިން ވިސްނާލުން މުހިންމު

ކުޑައިރުގެ ހަނދާން އާކޮށްލާއިރު އަޅުގަނޑުމެންގެ ހަނދާނަށް އަންނާނީ މަޖާކޮށް އަތިރިމަތީގައި ކުޅެން އުޅުނު ދުވަސްވަރެވެ. ގޭދޮށުގެ ކުޑަކުދިން އެއްވެގެން ތަފާތު ކުޅިވަރުތައް ކުޅެ އުޅުނު ދުވަސްވަރެވެ. ނަމަވެސް މިހާރުގެ ކުޑަކުދިން ބޮޑުވެގެން ހަނދާންކުރާނީ އެކުދިން އެ އެއްޗެއް ބެލުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ ކާރޓޫންތައްކަން ޔަޤީނެވެ.

ކާރޓޫންގެ ވާހަކަ ދައްކާއިރު މިއަދު އެއީ މުނިފޫހި ފިލުވުމަށް އެންމެ ފަސޭހައިން ލިބެން ހުންނަ ވަސީލަތަށް ވަނީ ވެފައެވެ. ގެއިން ބޭރުގައި ކުޅޭ ކުޅިވަރުތަކުގެ ބަދަލުގައި ޓީވީ ޗެނަލްތަކުން އަންނަ ކާރޓޫންތައްވަނީ އޭގެ ޖާގަ ފުރާލާފައެވެ. ކުޑަކުދިން ގެ ތެރެއިން ފިރިހެން ކުދިން ‘ބެން10” ފަދަ ތަފާތު އެކްޝަން ކާރޓޫން ތަކަށް ލޯބި ކުރާއިރު އަންހެން ކުދިން ލޯބި ކުރަނީ ”ބަރބީ” ފަދަ ހުވަފެނީ ދުނިޔެ ދައްކުވައިދޭ ކާރޓޫން ތަކަށެވެ. އެކުދިން ގިނަ ވަގުތުތަކެއް ޓީވީ ދޮށުގައި ހޭދަކުރާއިރު ގިނަ ފަހަރަށް ބެލެނިވެރިންނަށް އެކުދިން ބަލަނީ ކޮންކަހަލަ ކާރޓޫން ތަކެއް ކަމެއް ނުބެލެއެވެ. އަދި އޭގައި ދައްކަނީ ކޮންކަހަލަ ވާހަކަ ތަކެއް ކަމެއް ބަލާނެ ވަގުތެއްވެސް ނޯވެއެވެ. ބޮޑެތި މީހުން ބަލާ ފިލްމުތަކުގައި ދައްކާ ކަހަލަ ހަޑި މަންޒަރުތައް އޭގައި ނެތުމުން އެނިމުނީތޯއެވެ؟ މިކަމަށް ވިސްނާލަމާ ހިންގަވާށެވެ!

ކުޑަކުދިން ބޮޑުވަމުން އަންނައިރު އެކުދިން އުޅެބޮޑުވާ މާހައުލުގައި ހިނގާ ކަންތައްތަކުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. ކާރޓޫން ގެ ވާހަކަ ދައްކަމުންދާއިރު އެންމެންގެ މެދުގައި މަޝްހޫރު ”ޓޮމް އެންޑް ޖެރީ” ކާރޓޫނަށް ބައްލަވާ ލައްވާށެވެ. އެކާޓޫނުން ފެނިގެންދަނީ ޓޮމް ބުޅަލާއި ޖެރީ މީދަލުގެ ހަނގުރާމައެވެ. ޓޮމްގެ މަސައްކަތަކީ ޖެރީއަށް އަނިޔާކޮށް ގޯނާކުރުމެވެ. އަދި މިކަމުގެ ތެރޭން ޖެރީގެ ބަދަލު ހިފުންތަކެވެ. އަދި ވާބޮޑެތި އަނިޔާ ފަސޭހައިން ރަނގަޅުވެ އެނބުރި އަންނަ ތަނެވެ. މިކަމުން ދޭން ބޭނުންވަނީ ކޮން މެސެޖެއް ހެއްޔެވެ؟ މަޖާވާނީ މީހަކަށް އަނިޔާއެއް ލިބުނީމައެވެ. އެހެން ނޫންތޯއެވެ. އަޅުގަނޑުމެން ކުޑަކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ މިއީތޯއެވެ؟ ޕާކިސްތާންގެ އިސްލާމިކް ޔުނިވާރސިޓީ އިން 2013 ވަނަ އަހަރު ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި އެދިރާސާގައި ބައިވެރިވި 300 ކުދިންގެ %82.6 ކުދިންނަށް ކަމުދަނީ ކާރޓޫން ތަކުގައި ދައްކާ ތަޅާފޮޅުންތަކެވެ. އަދި ކުދިންގެ ހެދުމާއި ގެންގުޅޭ އެއްޗެއްސާއި އުޅޭ އުޅުމަށް ކާރޓޫންގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށް ވެއެވެ.

އެންމެ ގިނައިން ކުދިން ބަލާ އެއް ޗެނަލް ކަމަށްވާ ‘ކާރޓޫން ނެޓްވޯރކް” އެއީ އެކުދިން ބަލަން އެންމެ ރަނގަޅު ޗެނަލް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އަދި އެއީ ގިނަ ރަށް ތަކުގައި ކާރޓޫން ޗެނަލްއެއްގެ ގޮތުގައި ދޫކުރާ ޗެނަލްއެކެވެ. ކަން މިހެން އޮތް ނަމަވެސް އެންމެ ދުވަހެއްވެސް ހުސްކޮށް ލައްވައިގެން އެ ޗެނަލްއިން ދައްކާ އެއްޗެއް ބައްލަވާ ލެއްވީ ކިތައް ބޭފުޅުންތޯއެވެ؟ ހިންދޫ ދީން ޕްރޮމޯޓް ކުރާ އެމީހުންގެ ކަލާނގެ އެއް ކަމަށްވާ ”ކްރިޝްނާ”ގެ ދިރިއުޅުން ދައްކުވައިދޭ ކާރޓޫނެއް މި ޗެނަލްއިން ދައްކައެވެ. އެއްވެސް ބެލެނިވެރިއަކު މިފަދަ ކާރޓޫނެއް ކުދިންނަށް ދައްކަން ބޭނުން ނުވާނެކަން ޔަޤީނެވެ. އަދި ހަމަ އެއާއެކު ހުރިހާ ކުޑަކުދިންގެ މެދުގައި މަޝްހޫރު ”އޮގީ” ކާރޓޫންގެ ގިނަ އެޕިސޯޑު ތަކުގައި ހިންދީން އަޑުއަޅާފައިވެއެވެ. އަދި ރަނގަޅަށް އަޑު އަހާލައިފިނަމަ އޭގައި ބޭނުން ކުރާ ބަސް މަގަކީ އަޅުގަނޑުމެން ކުޑަކުދިން ކައިރީގައި ބޭނުންކުރާ ވަރަށް ވުރެ ދަށުދަރަޖައިގެ ބަސްމަގެއްކަން އެގޭނެއެވެ.

އެމެރިކަން އެކެޑެމީ އޮފް ޗައިލްޑް އެންޑް އެޑޮލޮސެންޓް ސައިކިއޭޓްރީ( އޭ.އޭ.ސީ.އޭ.ޕީ) އިން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި އާންމުކޮށް އަނިޔާކުރުމާއި ގޯނާކުރުން ރިޕީޓްކޮށް ދައްކާ އަދި އެކަމުން އަދަބު ނުލިބޭކަމަށް ދައްކާ ކާރޓޫންތައް ބަލާ ކުދިން އެކަންތައްތައް ކޮޕީ ކުރުމުގެ ފުރުސަތު ބޮޑެވެ. އެއީ ކުޑަކުދިންނެވެ. އެކުދިންނަށް ފެންނަ ކަންތައްތައް އަވަހަށް ޤަބޫލުކުރާ، ކާރޓޫންގެ ދުނިޔެއާއި އަސްލު ދުނިޔޭގެ ތަފާތު ވަކިކުރަން ނޭނގޭ ތުއްތު ކުދިންނެވެ. ސްޕައިޑަރމޭން ބޮޑެތި އިމާރާތްރަކުން ފުންމާލާ ވަލެއްގެ އެހީގައި ދުވެ އުޅޭ މަންޒަރު އެކުދިން ބަލަނީ އެކަންތައްތައް އެއީ އަސްލުގައިވެސް ވާނޭ ކަންކަން ކަމަށް ދެކިގެންނެވެ. މިކަހަލަ ކަންކަން އަޖުމަ ބަލަން މަސައްކަތް ކުރާ ކުދިން މަދެއް ނޫނެވެ. ކުއްޖަކު ގޮނޑިއަކުން ފުންމާލުމުން ވެއްޓި އަނިޔާވުމަކީ ބޮޑުކަމަކަށް ނުވިޔަސް ދެވަނަ ފަހަރަށް އެކުއްޖާ ފުންމާލަން މަސައްކަތް ކުރާ ތަނަކީ އުސްތަނަކަށް ވުން އެކަށީގެން ވެއެވެ. އޭގެ ކުރިން އެގޮތަށް އެކަން ކުރި ސަބަބު އޮޅުން ފިލުވުން ބުއްދިވެރިއެވެ. މިގޮތުން 2008 ވަނައަހަރު ވޮޝިންޓަންގައި ކުދިންތަކެއް ކުޅެން އުޅުމުގެ ތެރޭން ”ނަރުޓޯ” ކާރޓޫން ގެ ސްޓަންޓެއް ޖެއްސުމަށް ކުއްޖަކު ދިރިހުއްޓާ ވަޅުލުމުން އެކުއްޖާ މަރުވެފައިވެއެވެ.

މީގެ އިތުރުން ފާހަގަ ކޮށްލަންޖެހޭ އަނެއް ކަމަކީ ގިނައިރު ޓީވީ ނުވަތަ ކޮމްޕިއުޓަރ ދޮށުގައި ހޭދަކުރުމުން ކުދިންނަށް ސިއްޙީގޮތުން ދިމާވާ މައްސަލަ ތަކެވެ. ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ އެމެރިކާގެ ޑރ. ސެލީ ވާރޑް 10 އަހަރު ވަންދެން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ޓީވީ ބަލާ ކުދިންގެ ތެރެއިން ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކީ ވާހަކަ ދައްކަން ފަށައިގަތުން ލަސްވެ އެކަމުގައި އުނދަގޫތަކެއް ކުރިމަތިވާ ކުދިންނެވެ. ޓީވީ އިން އިވޭ އަޑުތަކުން އެކުދިންނަށް ބަސްތައް ނަގައިގަންނަން އުނދަގޫވެ، އަބަދު ބަދަލު ވޭވޭ ހުންނަ މަންޒަރުތައް ވިސްނައިގަންނަން އުނދަގޫ ވެއެވެ.

ޗެނަލް ތަކުން ދައްކާނީ އެމީހުން ދައްކަން ބޭނުންވާ އެއްޗިއްސެވެ. އެކަމަކު އަޅުގަނޑުމެން ކުޑަކުދިންނަށް ދައްކަން ބޭނުންވާ އެއްޗެހި ހޮވުމުގެ އިޚްތިޔާރު އޮންނަންވާނީ އަޅުގަނޑުމެން އަތުގައެވެ. މިކަންކަން ހައްލު ކުރުމަށް ޗެނަލް ތަކުގެ ޕްރޮގްރާމްތައް ދައްކާގަޑިތައް ރަނގަޅަށް ބަލައި ވަކި ގަޑިތަކެއް ޓީވީ ބެލުމަށް ހަމަ ޖެއްސިދާނެއެވެ. މި ޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން ކުރި އަރާފައިވާ ޒަމާނަކަށްވާއިރު ކިޔެވުމަށް އެހީ ލިބޭ ކަހަލަ ކާރޓޫނުތަކެއް އިންޓަރނެޓްއިން ޑައުންލޯޑް ކުރެވިދާނެއެވެ. ”ސީސޭމް ސްޓްރީޓް” ފަދަ ކުދިންގެ ކިޔެވުމަށް އެހީ ލިބޭފަދަ ކާރޓޫން ހޯދައިދެވިދާނެއެވެ. އަދި މިފަދަ ކާރޓޫންތައް އަންނަ ޗެނަލްތައް ލިބޭތޯ މަސައްކަތް ކުރެވިދާނެއެވެ. އަދި ކުދިންނާއެކު ކާރޓޫން ބެލުމުގައި ވަގުތު ހޭދަކޮށް އެކުދިންނަށް ވިސްނޭނޭހެން އޭގައި ވަމުންދާ ގޮތާއި ހާސިލް ކުރަންވީ އިބްރަތްތައް ކިޔާދެވިދާނެއެވެ.

ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލް ކަމަށް ވާއިރު އެކުދިންނަށް ދެވޭ ތަރުބިއްޔަތު ރަނގަޅުކޮށް އެކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަންކަމުން އެކުދިން ރައްކާތެރި ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އެކުދިންނަށް ދައްކާ ކާރޓޫން ތަކަކީ އެކުދިންގެ އަހްލާޤް ރަނގަޅުކޮށް ކިޔެވުމަށް އިތުރު ކުރިއެރުން ލިބޭފަދަ ކާރޓޫން ތަކަކަށް ހަދަމާ ހިނގާށެވެ. އަޅުގަނޑުމެންގެ އުންމީދަކީ ޖާދޫ ހަދައިގެން ހުވަފެނީ ދުނިޔެ އެއްގައި ދިރިއުޅެން ބޭނުންވާ ސުޕަ ހީރޯ ތަކަކަށް ކުދިން ވުން ތޯއެވެ؟ ނުވަތަ މައިންބަފައިން ނަމޫނާ އަކަށް ބަލައިގެން ބޮޑުވާ ދަރިންތަކަކަށް ކުދިން ވުން ތޯއެވެ؟

މަރިޔަމް އިނާޝާ

މަރިޔަމް އިނާޝާ

A law student at MNU

Leave a Reply

Your email address will not be published. Required fields are marked *